Monday, March 23, 2009

ރަކީދުއަކީ

ރަކީދުއަކީ މިއަތޮޅުގައި 5 ވަނައަށް މީހުން ދިރިއުޅޭ ރަށެވެ. އެންމެ ދެކުނުގައި އޮންނަ މީހުން ދިރިއުޅޭ މިރަށުގެ އާބާދީއަކީ 356 އެވެ. އެއީ 180 އަންހެނުންނާއި 176 ފިރިހެނުންނެވެ. މީހުން ދިރިއުޅޭގޭގެ ގޮތުގައި ރަޖިސްޓްރީވެފައިވަނީ 32 ގެއެވެ. މިރަށުގައި ރައްޔިތުންގެ ފަރާތުން 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ދެވުނަސް ތައުލީމުދޭނޭ ސްކޫލެއް ނުހުރެއެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި މިރަށުގަ ތައުލީމު އެހާ މުހިންމެއް ނޫނެވެ. ރަކީދޫގެ އެންމެ ފުޅާ ހިސާބުގަ ހުންނަނީ 530 ފޫޓް އެވެ. ދިގުމިނުގައި ހުންނަނީ 854 ފޫޓް އެވެ. އަދި މިރަށުގެ ވަށަމިނުގައި ހުންނަނީ 3400 ފޫޓް އެވެ. ގަބޫލުކުރަންވެސްދަތި ދޯއެވެ

ރަކީދުއަކީ މަސްވެރި ރަށެކެވެ. މަސްވެރިކަމުގައި ވަރަށް ހީވާގިކަމާއެކު ޙަރަކާތްތެރިވާ ބަޔަކު ދިރިއުޅޭ ރަށެކެވެ. ނަމަވެސް މިރަށުގަ އޮންނަނީ މަހަށްދާ އެންމެ ދޯންޏެކެވެ.މީގެ އިތުރުން އާމްދަނީ ހޯދުމަށް ތަފާތު އެހެން ދާއިރާތަކުގައިވެސް ޙަރަކާތްތެރިވަމުން ގެންދާ މަސައްކަތްތެރި ފަންނުވެރިންތިބިރަށެކެވެ

ރަކީދުއަކީ މިއަދު އެކަށީގެންވާވަރަށްވުރެ އާބާދީ މަދުވުމުން މައްސަލަތަކަކާ ކުރިމަތިލާންޖެހިފައިވާ ރަށެކެވެ. މިގޮތުން ސްކޫލް ހިންގުމަށާއި ތަރައްޤީއަށް ކުރަންޖެހޭ އެކި އެކި މަސައްކަތްތައް ކުރުމުގައި ތަފާތު ހުރަސްތަކާ ކުރިމަތިވެފައި ވެއެވެ. އެހެން ނަމަވެސް އެވަގުތަކު ކަންތައް އޮތް ގޮތަކަށް ބަލާ އެވަގުތަކު ހުރި ވަޞީލަތެއް ބޭނުންކޮށްގެން އެ ހުރަސްތައް ގިރާކުރަމުން ގެންދަނީ އިޖްތިމާޢީ ވަރަށް ރަނގަޅު ރޫޙަކާއެކުގައެވެ.

ރަކީދުއަކީ ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ކުޑަ ރަށް ކަމުގައި ވިއަސް މިރަށުގެ ރައްޔިތުންނަކީ ދިރިއުޅުމުގެ ކުރިމަގާމެދު ވަރަށް ފުންކޮށް ވިސްނާ ވަރަށް ފޮނި އުއްމީދުތަކެއް ކުރަމުން އަންނަ ބައެކެވެ. އަދި ހަމައެއާއެކު ވަރަށް އެކުވެރި، އަނެކުންނަށް އަޅާލާ އަދި ޚާއްޞަކޮށް މެހެމާނުންނަށް ކަމޭހިތާ ބަޔަކު ދިރިއުޅޭ ރަށެއް މެއެވެ

No comments:

Post a Comment