Saturday, October 2, 2010

2008 ވ.އަތޮޅު ފޮއްތެޔޮފަޅުގައި، އާރަށެއް ތަރައްޤީ ކުރުން:


ވ.އަތޮޅަކީ އާބާދީ ގޮތުންނާއި ބިމުގެ ޖާގައިގެގޮތުން ރާއްޖޭގެ އެންމެ ކުޑަ އަތޮޅަށް ވުމާއެކު އެއަތޮޅުގެ ރައްޔިތުންނަށް ވަރަށް ގިނަ ދަތިތަކާ ދިމާވެއެވެ. އަދި އެއަތޮޅުގެ ތިން ރަށަކުން އެކިފަހަރުމަތިން އެހެންރަށަކަށް ބަދަލުވުމަށް އެދިފައިވެއެވެ. އެހެންކަމުން އާބާދީއާއި ތަރައްޤީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ވ.އަތޮޅު، ފޮއްތެޔޮ ފަޅުގެ ދެކުނުކޮޅުން ސަރަހައްދެއް ހިއްކައިގެން ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކީއްވެގެންތޯ އާރަށެއް ހިއްކަންޖެހެނީ ؟

ވ.އަތޮޅުގެ ރަށްތަކަކީ އުފެދުމުގައި ވާގޮތުން އިތުރަށް ބިން ތަރައްޤީ ކުރުމުގެ ފުރުޞަތު އޮތް ރަށްތަކެއް ނޫނެވެ. އެހެންކަމުން އިތުރު އާބާދީއެއް ގެންގޮސް ތަރައްޤީ ކުރުމަށް ބަލާއިރު އެފުރުޞަތު ވެސް އެއަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް ހަމަޖެއްސޭކަށް ނެތެވެ.

މިރަށަށް ބަދަލު ކުރެވެނީ ކޮންރަށްރަށެއްގެ ރައްޔިތުންނެއްތޯ ؟

  • އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ރަށެއް ހުސްކުރެވޭނީ އެރަށެއްގެ ހުރިހާ ރައްޔިތުން ބަދަލުވާން އެދުމުންނެވެ.
  • މިގޮތުން ވ.އަތޮޅުން ބަދަލުވާން މިހާތަނަށް އެދިފައިވަނީ ވ.ރަކީދޫ، ވ.ތިނަދޫ އަދި ވ.ކެޔަދޫއެވެ.
  • ވ.އަތޮޅުގައި ހިއްކައިގެން ތަރައްޤީ ކުރެވޭ ވ.މޮހޮރާފަރަށް ބަދަލުވުމަށް އެހެން އަތޮޅުތަކުގެ ބައެއް ރަށްރަށުންވެސް އެދިފައިވެއެވެ.
  • ނަމަވެސް އަދި ރޭވިފައިވާ ގޮތުން އަމިއްލައަށް ގެއަޅައިގެން ވަކިވަކި އާއިލާތަކަށް މިރަށަށް ބަދަލުވުމުގެ ފުރުޞަތު އަދި ހުޅުވާލެވިފައިވެއެވެ.

މިރަށް ތަރައްޤީ ކުރުމުގައި ރޭވިފައިވާ ކަންތައްތަކަކީ ކޮބާތޯ ؟

  • 4000 އަދަދުގެ އާބާދީއަކަށް ދިރިއުޅެވޭގޮތަކަށް.
  • އެރަށާ ގުޅިގެން ސަރަހައްދީ ވައިގެބަނދަރެއް ތަރައްޤީކުރާ ގޮތަށް.
  • މުސްތަޤުބަލުގައި ރަށް އަދި އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު މިހާރު ކަނޑައެޅިފައިވާ ސަރަހައްދުގައި އޮންނަގޮތަށް.

މޮހޮރާފަރުގައި ރޭވިފައިވަނީ ކޮންފެނަވަރެއްގެ އެއަރޕޯޓެއްތޯ ؟

އަލަށް ތަރައްޤީ ކުރެވޭ މިރަށުގައި މިހާރު ޕްލޭން ކުރެވިފައިވަނީ ޑޮމެސްޓިކް އެއަރޕޯޓެއް ހެދުމަށެވެ. ނަމަވެސް މިއީ މުސްތަޤުބަލުގައި އިތުރަށް ތަރައްޤީ ކުރެވޭ ގޮތަށް ބައްޓަން ކުރެވިފައިވާ އެއަރޕޯޓެކެވެ.

މިމަޝްރޫޢާއި މެދު އެއަތޮޅުގެ ރައްޔިތުން ދެކޭގޮތަކީ ކޮބާތޯ ؟

  • ވ.އަތޮޅުން ކެޔޮދޫ، ރަކީދޫ އަދި ތިނަދޫއިން ވަނީ އެހެން ރަށަކަށް ބަދަލުވުމަށް އެދޭ 'ރަށް ބަދަލުވާ' ފޯމް ހުށަހަޅާފައެވެ. އަދި މިމަޝްރޫޢު ވީހާވެސް އަވަސް މުއްދަތެއްގައި ފެށުމަށް އަތޮޅުން ވަރަށް ބޭނުންވާކަން އެކިފަހަރުމަތިން ވިދާޅުވެފައިވެއެވެ.
  • މިރަށުގެ ޕްލޭން ތައްޔާރުކުރެވިގެންދަނީ ވ.އަތޮޅު އަތޮޅުކޮމިޓީގެ ފަރާތުން 4 ޑިސެމްބަރ 2005ގައި ފޮނުއްވާފައިވާ ރިޕޯޓް" ބޮޑުމޮހޮރާ ތަރައްޤީކުރުން " ގައި ފާހަގަކުރައްވާފައިވާ އެއަތޮޅުގެ ރައްޔިތުންއެދޭ ކަންތައްތަކަށްވެސް ވިސްނުން ބަހައްޓައިގެންނެވެ.
  • މިކަމަށް އެއަތޮޅުގެ ކޮމިޓީން، ރަށުއޮފީސްތަކުން އަދި ޖަމިއްޔާތަކުން އެއްބާރުލުން ވަރަށް ބޮޑަށް ލިބެއެވެ.

މިމަޝްރޫޢަށް މިހާތަނަށް ކުރެއްވިފައިވާ މަސައްކަތްތަކަކީ ކޮބާތޯ ؟

  • މިމަޝްރޫޢާއި ބެހޭގޮތުންވަނީ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމާބެހޭ ސިޔާސަތު ކޮމިޓީގައާއި ސްޕޭޝަލް ޕްލޭނިންގ ކޮމިޓީގައި މަޝްވަރާކުރެވިފައެވެ. މިގޮތުން މިމަޝްރޫޢަކީ 11 މިނިސްޓްރީގެމަޝްވަރާއާއެކު ރޭވިފައިވާ މަޝްރޫޢެކެވެ.
  • އެންމެ ފުރަތަމަ މިރަށް ހިއްކުމަށް މަޝްވަރާ ކުރެވިފައިވީ ބޮޑުމޮހޮރާ ކިޔާ ރަށާއި ގުޅުވާލެވިގެންނެވެ. ނަމަވެސް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން ބޮޑުމޮހޮރާގައި ހިންގާ 'މެރިން ރިސާރޗް ސެންޓަރ' ދެމެހެއްޓުމަށާއި އަދި މިރަށުގައި ވައިގެ ބަނދަރެއް ތަރައްޤީކުރުމާއި ގުޅިގެން ކޮންސެޕްޓްއަށް އިތުރު ބަދަލުތަކެއް ގެނެވިފައިވެއެވެ. މިހާރު ރޭވިފައިވާގޮތުން ފަޅުގެ ބައްޓަމަށްބަލާފައި، ރަށް ބޮޑުކުރުމަށް ފުށުނާރާ ގޮތަކަށް އެއަރޕޯޓް ހިމެނިފައިވާނެއެވެ. އެއަށްފަހު އެކޮންސެޕްޓަށް ބިނާކޮށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ބިންބޭނުންކުރާގޮތުގެ ޕްލޭން ތައްޔާރުކުރެއްވުމުގެ މަސައްކަތްފެއްޓެވީއެވެ.
  • މިބިނާވެށި ޕްލޭންއާއި ބެހޭގޮތުން ކަމާއިބެހޭ މިނިސްޓްރީތަކާއި މަޝްވަރާ ކުރުމަށްފަހު ރައްޔިތުންގެ ފަސޭހައަށް ބަދަލުތަކެއް ގެނެވުނެވެ.
  • މިމަޝްރޫއަށް އިންވެސްޓަރުން ހޯދުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕަމަންޓް އެންޑް ޓްރޭޑްއާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި އެކު މަޝްވަރާ ކުރެވުނެވެ.

މިހާރު މަޝްރޫޢަށް ކުރަމުން ގެންދާ ކަންތައްތަކަކީ ކޮބާތޯ ؟

  • މޮހޮރާފަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެކަށީގެންވާ އާބާދީއަކާއި އެކު ސިނާއީ މަސައްކަތްތަކަށް އަމާޒުކޮށް އިންވެސްޓަރުން ހޯއްދެވުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕަމަންޓް އެންޑް ޓްރޭޑްއިން މަސައްކަތްތައް ކުރައްވަނީއެވެ.
  • މިރަށުގެ ބިނާވެށި ޕްލޭންއާއި ގުޅޭގޮތުން މިނިސްޓްރީތަކާއި މަޝްވަރާ ކުރުމަށްފަހު މިބިނާވެށި ޕްލޭން ފައިނަލައިޒް ކުރުމަށް މިމަޝްރޫޢުގައި ހިމެނޭ ރައްޔިތުންތަކާއި މަޝްވަރާކުރުމަށް އެމިނިސްޓްރީތަކުން އަވަސް މުއްދަތެއް ތެރޭގައި އެރަށްރަށަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު ދަނީ މިކަމަށްޓަކައި ތައްޔާރުވަމުންނެވެ.

މިމަޝްރޫޢުގެ ސަބަބުން އެރަށަށް ބަދަލުވާ ރައްޔިތުންނަށް ލިބޭނެ ފައިދާ ތަކަކީ ކޮބާތޯ ؟

  • މިރަށަކީ ބޮޑު އާބާދީއަކަށް ވަޒަންވެރި ވެވޭވަރުގެ މައި ރަށެކެވެ.
  • ހިއްކޭ ރަށުގައި ސިނާއީ ސަރަހައްދެއް ހިމެނުމާއެކު އަތޮޅު އަދި ރަށުތެރޭގައި ވަޒީފާގެ ފުރުސަތުތައް އިތުރުވާނެއެވެ.
  • މިރަށުގައި ދެވޭ ޚިދްމަތްތައް ވެގެންދާނީ އެއަތޮޅަށާއި އެސަރަހައްދަށް އެކަށީގެންވާ ފެންވަރުގެ ރަނގަޅު ޚިދްމަތްތަކަކަށެވެ.
  • މި ރަށަކީ ވަރަށް ބޮޑު ފަޅެއްގައި އަލަށް ހެދޭ ރަށަކަށް ވުމާއެކު މުސްތަޤްބަލުގައި ބިންބޮޑުކުރުމުގެ ފުރުޞަތު އެރަށުގައި އެބައޮތެވެ.
  • ވ.އަތޮޅަކީ މާލެއާއި ކައިރި އަތޮޅަކަށް ވުމުގެއިތުރުން މަސްވެރިކަމަށާއި، ޑައިވް ކުރުމަށް އެކަށީގެންވާ ހިސާބަކަށްވުމުން މިއަތޮޅުން ހުސްވާ ރަށްރަށުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ ފުރުސަތުވާނަމަ ނުވަތަ އެހެން ސިނާއީކަމަށް އެކަށީގެންވާނަމަ މިފުރުސަތު ހުޅުވާލެވޭނެއެވެ. މީގެ ސަބަބުން އަތޮޅުގައި އިތުރު ރިސޯޓް ހުޅުވި ވަޒީފާތައް އިތުރުވުމުގެ ސަބަބުން ޢާމްދަނީ ހޯދުމުގައި ފަސޭހަވާނެއެވެ.

މިރަށް ވެގެންދާނީ ރައްކާތެރި ރަށެއްގެ ގޮތުގައިތޯ ؟

އަލަށް އުފައްދާ މިރަށަކީ ރައްކާތެރި ރަށެއްގޮތަށް (ނުވަތަ ސޭފަރ އައިލޭންޑެއް) ގޮތުގައި އަދި މާނައެއް ނުކުރެވެއެވެ. ރައްކާތެރި ރަށްތައް ކަނޑައެޅުމަށް އެކަށީގެންވަނީ އިތުރު ފަންނީ ދިރާސާތަކެއް ކުރުމަށްފަހުއެވެ. އެހެންނަމަވެސް މިރަށް މިހާރު ހަދާއިރު ރަށްގިރުން ފަދަ ތިމާވެއްޓަށް ލިބޭ ގެއްލުން ތަކުން ކުޑަކުރުމަށް ރަށް ވަށައިގެން ގަސްއިންދުން ނުވަތަ ތޮށިގަނޑެއް ލެވޭނެއެވެ.

މިމަޝްރޫޢަށް ފައިސާ ހޯއްދަވަނީ ކިހިނަކުންތޯ ؟

މިމަޝްރޫޢަށް ބޭނުންވާ ފައިސާ ސަރުކާރުގެ ބަޖެޓުގައި ނެތުމުން މިމަޝްރޫޢު ކުރިއަށް ގެންދެވުމަށްޓަކައި ޑިވެލޮޕަރަކާއި ޙަވާލު ކުރެވޭނެއެވެ. ބޭނުމީ ސިނާއީ އަދި އިޤްތިޞާދީ މަސައްކަތްތަކާއި އެކު މިރަށް ތަރައްޤީ ކުރުމަށެވެ.

މިމަޝްރޫޢުގައި ޑިވެލޮޕަރު ކުރަންޖެހޭ ކަންތައްތަކަކީ ކޮބާ؟

ޑިވެލޮޕަރުގެ މަސައްކަތަކީ ހިއްކުމަށްވާ ސަރަހައްދު، އެއަރޕޯޓް އަދި އާންމުން ދިރިއުޅޭ ސަރަހައްދު ތަރައްޤީ ކުރުމެވެ. ނަމަވެސް ޑިވެލޮޕަރުގެ ފަސޭހައަށް ސަބް ކޮންޓްރެކްޓެއްގެ ދަށުން އެހެން ޑިވެލޮޕަރަކާއި ނުވަތަ ޑިވެލޮޕަރުތަކަކާއި މިމަސައްކަތްތައް ޙަވާލު ކުރެވިދާނެއެވެ. ނުވަތަ މިކަމަށްދާ ޚަރަދު ސަރުކާރަށް ދީފައި މިމަޝްރޫޢު ކުރިއަށް ގެންދެވުމަށް ދެވިދާނެއެވެ.

މިމަޝްރޫޢުގެ ސަބަބުން މިމަޝްރޫޢުގެ ޑިވެލޮޕަރަކަށް ލިބޭ ފައިދާ އަކީ ކޮބާތޯ ؟

މިމަޝްރޫޢުގެ ދަށުން ހިއްކޭ ސަރަހައްދުން ބައެއް އެޑިވެލޮޕަރަކަށް ލިބޭނެއެވެ. މީގެއިތުރުން 3 ރިސޯޓް ތަރައްޤީ ކުރުމުގެ ފުރުޞަތު އެޑިވެލޮޕަރަކަށް ލިބޭނެއެވެ. ނަތީޖާއެއްގެ ގޮތުން އެޑިވެލޮޕަރު މިމަޝްރޫއަށް ކުރާ ޚަރަދުތަކުގެ ބަދަލު ލިބުން އަވަސްވެ މަޝްރޫޢު ހަލުވިވެގެންދާނެއެވެ

މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓް

No comments:

Post a Comment