Monday, October 11, 2010

ހިންގާ ޤަވާއިދު

e

ހިންގާ ޤަވާއިދު

ރަކީދޫ އިޖުތިމާޢީ ގުޅުން

މޮޓޯ: ބަދަހިވުމަކީ ކާމިޔާބުގެ ނާރެސް

TO UNITE IS FOR SUCCESS

1- ޖަމްޢިއްޔާގެ ނަން:

ރަކީދޫ އިޖުތިމާޢީ ގުޅުން (RIG )

2- ޖަމްޢިއްޔާގެ އޮފީސް:

ޖަމްޢިއްޔާގެ އޮފީސް ހިނގަމުންދާނީ ވ.ރަކީދޫ ގާރޑުންގޭގައެވެ. ( މި ޖަމްޢިއްޔާގެ ރަޖިސްޓްރާގެ ހުއްދަލިބިގެން ހިންގާކޮމެޓީން ބޭނުންވެއްޖެ ތަނެއްގައި ޖަމްޢިއްޔާގެ އިދާރީ އޮފީސް ހިންގުމުގެ އިޚްތިޔާރު ޖަމްޢިއްޔާގެ ހިންގާ ކޮމެޓީއަށްލިބިގެންވެއެވެ. )

3- މަޤްޞަދު :

ހ- އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު ތަންދޭ

އެންމެ ފުޅާދާއިރާއެއްގައި އިސްލާމްދީނާއި ދިވެހި ޤައުމުކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތްކުރުމާއި މިފަދަ ޖަމްޢިއްޔާތަކާއި ގުޅުން ބަދަހިކޮށް ގުޅިގެން މަސައްކަތްކުރުން.

ށ- ޒުވާނުންނާއި މުޖުތަމަޢުގެ މެމްބަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފައްދާ ދެމެހެއްޓުން.

ނ- ކުޅިވަރުގެ ތަފާތު ޙަރަކާތްތައް ރަށްފުށުގަޔާއި ޖަމާޢަތުގެ ފެންވަރުގައި ރާވާ ހިންގުމާއި ކުޅިވަރު މުބާރާތްތައް އިންތިޒާމުކޮށް ހިންގާ ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ރޫޙު ދިރުވާ އާލާކުރުމާއި އަދި ދިވެހިރާއްޖޭގައި ކުޅޭ ކުޅިވަރުތައް ތަރައްޤީކުރުމަށް އެހީތެރިވެދިނުމާއި އެފަދަ ކުޅިވަރު ތަކުގައި ބައިވެރިވުން.

ރ- ރަށުގެ ތަޢްލީމާއި ޞިއްޙީޚިދުމަތް ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި އިޖުތިމާޢީ ގޮތުންނާއި ޢުމްރާނީގޮތުން ރަށްތަރައްޤީކުރުމަށްޓަކައި މަސައްކަތްކުރުން.

ބ- މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރުން.

ޅ- ރައްޔިތުންގެ މެދުގައި ދީނީ އެއްބައިވަންތަކަން ޤާއިމްކުރުމަށް މަސައްކަތްކުރުން. ( މުންކަރާތްތައްނަހީކޮށް ހެޔޮކަންތައްތަކަށް އަމުރުކުރުން) ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތްކުރުން.

ކ- މަސްތުވާތަކެތީގެ ވަބާއިން މި ޤައުމު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރުން.

އ- ފަޤީރުންނާއި މިސްކީނުންނާއ ޚާއްޞައެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް އެހީވުން

ވ- ޤައުމުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ފޭރާން ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި ރައްޔިތުންނަށް ހިތްފަސޭހަ ދުޅަހެޔޮ އަދި ޞުލްޙަވެރި ދިރިއުޅުމެއް އުޅެވޭނެ ވެއްޓެއް ހޯދައިދިނުމަށް މަސައްކަތްކުރުމާއި ޤައުމަށް ބޭނުންވާ އެކިދާއިރާތަކުން މީހުން ބިނާކުރުމަށް މަސައްކަތްކުރުން.

މ- ޖަމްޢިއްޔާގެ މާލީޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި ރަށުގެ ޢުމުރާނީ ތަރައްޤީއަށް މަސައްކަތްކުރުމަށްޓަކައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ދިވެހިރާއްޖޭގައި ހިންގާ އެފަދަ ޖަމްޢިއްޔާތަކާއި ގުޅިގެން މަސއްކަތްކުރުން.

4- ޖަމްޢިއްޔާގެ ޢާއްމުދަނީ އާއި މުދާ

ހ- މިޖަމްޢިއްޔާގެ ޢާއްމުދަނީއާއި މުދަލަކީ ޖަމްޢިއްޔާގެ މެމްބަރުންނާއި ހިންގާކޮމެޓީގެ މެމްބަރުންގެ މެދުގައި ބަހާލެވޭ އެއްޗެއްނޫނެވެ.

ށ- ޖަމްޢިއްޔާގެ މެމްބަރުންނާއި ޖަމްޢިއްޔާގެ ހިންގާކޮމެޓީގެ މެމްބަރުންނާއި ޖަމްޢިއްޔާގެ މުއައްސިސުންނަށް ޖަމްޢިއްޔާގެ މުދަލާއި ފައިސާގެ މައްޗަށް މިލްކުވެރިކަމުގެ އެއްވެސް ޙައްޤެއް ލިބިގެނެއްނުވެއެވެ.

ނ- ޖަމްޢިއްޔާ އުވާލެވޭ ޙާލަތެއްގައި މި ޖަމްޢިއްޔާގެ ދަރަނިތަކާއި ޒިންމާތައް އަދާކުރުމަށްފަހު ޖަމްޢިއްޔާގެ މިލްކުގައި އެއްވެސް މުދަލެއް ނުވަތަ ފައިސާއެއްހުރިނަމަ އެމުދަލެއް ނުވަތަ ފައިސާއެއްގެ މިލްކުވެރިކަން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކަށް ނުވަތަ ސަރުކާރު ޤަބޫލުކުރާ ޚައިރާތު ފަންޑަކަށް ބަދަލުކުރެވޭނެއެވެ. މި ގޮތަށް މިތަކެތި ބަދަލުކުރާނެ ފަންޑެއް ކަނޑައާޅާނީ ޖަމްޢިއްޔާ އުވާލުމަށް ބާއްވާ ޖަލްސާގައެވެ.

5- މެމްބަރަކަށް ވެވޭގޮތާއި މެމްބަރުންގެ ގިންތިތައް:

ހ- މި ޖަމްޢިއްޔާގެ މެމްބަރަކަށްވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްވެސް އޮންނާނެއެވެ. މެމްބަރަކަށްވާން ބޭނުންނަމަ މެމަބަރަކަށް ވުމަށް އެދޭފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ޖަމްޢިއްޔާގެ އިދާރާއަށް ހުށައަޅަންޖެހޭނެއެވެ.

ށ- މި ޖަމްޢިއްޔާގެ މެމްބަރަކަށްވާން އެދުމުން އެއިރަކު ޖަމްޢިއްޔާއާއި ޙަވާލުވެހުންނެވި ބޭފުޅަކު އެފަރާތަކަށް ޖަމްޢިއްޔާގެ ހިންގާ ޤަވާޢިދު އަންގައި އެޤަވާޢިދުގައިވާ ކަންތައްތައް އެފަރާތުން އެއްބަސްވާނަމަ އޭގައިވާ ގޮތުގެ މަތީން ރަޖިސްޓްރީކޮށްދީ ސޮއިކުރުމުން މެމްބަރަކަށް ވެވުނީއެވެ.

ނ- މި ޖަމްޢިއްޔާގައި ތިބޭނި ހިންގާ ކޮމެޓީގެ މެމްބަރުންނާއި ޢާއްމު މެމްބަރުންނެވެ.

6- މެމްބަރުންގެ މަސްއޫލިއްޔަތު

ހ- އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޖަމްޢިއްޔާތަކާބެހޭ ޤާނޫނު ހުއްދަކުރާ ގޮތުގެ މަތީން ޖަމްޢިއްޔާގެ މާލިއްޔަތު ރަނގަޅުކުރުމަށް މަސައްކަތްކުރުމަކީ ޖަމްޢިއްޔާގެ ކޮންމެ މެމްބަރެއްގެވެސް މަސްއޫލިއްޔަތެކެވެ.

ށ- ޖަމްޢިއްޔާގެ އެއްވެސް މެމްބަރަކު ސިޔާސީ މައިދާނަށް ޖަމްޢިއްޔާ ގެންދިޔުމަކީ އަދި ސިޔާސީ އޮއިވަރު ޖަމްޢިއްޔާގެ ތެރޭގައި ފެތުރުމަށް މަސައްކަތްކުރުމަކީ މުޅިންމަނާކަމެކެވެ.

ނ- މި ޖަމްޢިއްޔާގެ އެއްވެސް މެމްބަރަކު އިސްލާމްދީނާ ޚިލާފު އަދި ޖަމްޢިއްޔާއަށް ބަދުނާމެއް ލިބިދާނެ އެއްވެސް ޢަމަލެއް ހިންގުމަކީ މުޅިންމަނާކަމެކެވެ. މިފަދަ ޢަމަލެއް ހިންގި ފަރާތަކާއި މެދު ފިޔަވަޅުއެޅޭނެއެވެ.

7- މެމްބަރުކަމުން ވަކިވެވޭނެ ގޮތާއި މެމްބަރުކަމުން ވަކިކުރެވޭނެގޮތް

ހ- ޖަމްޢިއްޔާގެ މެމްބަރަކު މެމްބަރުކަމުން ވަކިވާން ބޭނުންނަމަ އެކަންބަޔާންކޮށް ޖަމްޢިއްޔާގެ އޮފީހަށް ސިޓީއަކުން އެކަން ހުށައެޅުމުން އެމެމްބަރަކު މެމްބަރުކަމުން ވަކިކުރެވޭނެއެވެ. ނަމަވެސް ޖަމްޢިއްޔާއަށް އެފަރާތުން ދައްކަންޖެހޭ ނުވަތަ ޖަމްޢިއްޔާއިން އެފަރާތަކަށް ދައްކަންޖެހޭ ފައިސާއެއް ނުވަތަ ޙަވާލުވެފައިވާ މަސްއޫލިއްޔަތެއް ވާނަމަ ދެފަރާތް އެއްބަސްވާގޮތުގެމަތީން ނިންމަންޖެހޭނެއެވެ.

ށ- މެމްބަރެއްގެ ސަބަބުން ޖަމްޢިއްޔާގެ ތެރޭގައި ބައިބައިވުން އުފެދި ހަމނުޖެހުމެއް ހިނގާކަމަށް ހިންއގާކޮމެޓީގެ ތިންބައިކުޅަ ދެބައި އެއްބަސްވެއްޖެނަމަ އެމެމްބަރަކު ޖަމްޢިއްޔާގެ މެމްބަރުކަމުން ވަކިކުރެވޭނެއެވެ.

ނ- ޖަމްއިއްޔާގެ މެމްބަރަކު އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި ޖަމްޢިއްޔާގެ ޤަވާޢިދާއި ޚިލާފުވާ އެއްވެސް ޢަމަލެއް ކޮށްފިނަމަ އެމެމްބަރަކު ޖަމްޢިއްޔާގެ މެމްބަރުކަމުން ވަކިކުރެވޭނެއެވެ.

8- ޗަންދާ:

ހ- މި ޖަމްޢިއްޔާގެ ކޮންމެ މެމްބަރަކުވެސް ކޮންމެ މީލާދީމަހެއްގެ 10 ވަނަ ދުވަހުގެ ކުރީން /20 ރުފިޔާ ޗަންދާގެ ގޮތުގައި ޖަމްޢިއްޔާގެ އިދާރާއަށް ދައްކަންޖެހޭނެއެވެ.

ށ- ޖަމްޢިއްޔާއަށް ލިބޭ ފައިދާއިން ޚަރަދުކަނޑައި ފައިދާވާނަމަ އެފައިދާއިން ކޮންމެ އަހަރު މުދަލު ޒަކާތް ނެރެންޖެހެނެއެވެ.

9- ޖަމްޢިއްޔާގެ ހިންގުމަށާއި ޖަމްޢިއްޔާގެ ޙަރަކާތްތައް ހިންގުމަށް ފައިސާ ހޯދާނެގޮތް

ހ- މެމްބަރުންގެ މެދުގައި މަސައްކަތުދުވަސް ފާހަގަކުރުން

ށ- މެމްބަރުންގެ މެދުގައިނެގޭ ޗަންދާގެ ފައިސާއިން

ނ- އެކިއެކި ފަރާތްތަކުން ދެއްވާ އެހީގެ ފައިސާއިން

ރ- މި ނޫނަސް ޖަމްޢިއްޔާތަކާބެހޭ ޤާނޫނު ހުއްދަކުރާ އެކިއެކި މަސައްކަތްކޮށްގެން

10- ހިންގާކޮމެޓީ

މިޖަމްޢިއްޔާގެ ހިންގާކޮމެޓީގައި ހިމެނޭނީ ތިރީގައި މިދަންނަވާ މަޤާމުތަކެވެ. މިއީ ކޮންމެ މީލާދީ އަހަރަކަށް ޢާއްމު މެމްބަރުންގެ ޖަލްސާއެއް ބޭއްވިގެން ޢާއްމު މެމްބަރުންގެ ސިއްރު ވޯޓަކުން ޖަމްޢިއްޔާގައި އިސްކޮށް ޙަރަކާތްތެރިވުމަށް ހޮވޭ ޓީމެކެވެ. ހިންގާ ކޮމެޓީގެ މުއްދަތު ހަމަވުމުގެ ކުރިން އަނެއްދައުރަށް ހިންގާ ކޮމެޓީ އިންތިޚާބުކުރުމަށްފަހު ޖަމްޢިއްޔާގެ ރަޖިސްޓްރާއަށް ހުށައެޅޭނެއެވެ. މި ޖަމްޢިއްޔާގެ އެންމެހާ ކަންތައްތަކުގައި މަސްއޫލުވެ ޒިންމާ އުފުލާނީ އެ އިރަކު އޮންނަ ހިންގާކޮމެޓިއަކުންނެވެ. ހިންގާ ކޮމެޓީގެ މުއްދަތަކީ މީލާދީ އެއްއަހަރު ދުވަހެވެ.

1- ޗެއާރމަން

2- ޖެނެރަލް ސެކެރެޓަރީ

3- ޚަޒާންދާރު

4- ރަޖިސްޓްރާ

5- އެޑްމިނިސްޓްރޭޓަރ

6- ސެކްރެޓަރީ

7- އިންތިޒާމް ސެކްރެޓަރީ

8- ވިލަރެސް ވެރިން

9- 5 އެހީތެރިން

11- މަޤާމުގެ މަސްއޫލިއްޔަތު

11.1- ޗެއާރމަން ޗެއާރަމންގެ މަސްއޫލިއްޔަތަކީ ޖަމްޢިއްޔާގެ ހިންގާކޮމެޓީން ޖަމްޢިއްޔާ ހިންގުމަށް ރާވާ ހުރިހާކަމެއްގައި އެންމެ އިސްވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުމެވެ.

11.2- ޖެނެރަލް ސެކެރެޓަރީ ޖެނެރަލް ސެކެރެޓަރީގެ މަސްއޫލިއްޔަތަކީ ޖަމްޢިއްޔާއިން ރާވާ އަދި ބައިވެރިވާ ހުރިހާ ކުޅިވަރެއްގައި ޗެއާރމަންގެ މަޝްވްރާގެމަތިން އެކަންކަން ރާވާ ހިންގުމުގެ އެންމެ އިސްވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުމެވެ.

11.3- ޚަޒާންދާރު ޚަޒާންދާރުގެ މަސްއޫލިއްޔަތަކީ ޖަމްޢިއްޔާއަށް ލިބޭ ޢާއްމުދަނީ އާއި ފައިސާއާއި ، ޚަރަދުކުރާ ފައިސާގެ ތަފްޞީލާއި ޖަމްޢިއްޔާގެ މުދަލާއި ދަރަންޏާއި އެހެނިހެން ޒިންމާތަކާއިބެހޭ ތަފްޞީލް ސާފުކޮށް އެނގޭނެހެން ޖަމްޢިއްޔާގެ ހިސާބުތައް ބެލެހެއްޓުމެވެ. އަދި ހަމައެހެންމެ އަހަރަކު އެއްފަހަރު އޮޑިޓް ރިޕޯރޓް ނެރެންޖެހޭނެއެވެ.

11.4- ރަޖިސްޓްރާ ރަޖިސްޓަރގެ މަސްއީލުއްޔަތަކީ ޖަމްޢިއްޔާގެ މެމްބަރުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ޖަމްޢިއްޔާގެ ހިންގާކޮމެޓީގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ޖަމްޢިއްޔާގ ެހިންގާ ކޮމެޓީން މަޤާމެއް ހުސްވެއްޖެނަމަ އެ މަޤާމަކަށް މީހަކު އިންތިޚާބުކުރުމުގެ އެންމެ އިސް މަސްއޫލިއްޔަތު އަދާކުރުމެވެ.

11.5- އެޑްމިނިސްޓްރޭޓަރ އެޑްމިނިސްޓްރޭޓަރ ގެ މަސްއޫލިއްޔަތަކީ ޖަމްޢިއްޔާގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި ރަޖިސްޓްރާ ނެއްހިނދެއްގައި ރަޖިސްޓްރާގެ މަސްއޫލިއްޔަތު އަދާކުރުމެވެ.

11.6- ސެކެރެޓަރީ ސެކެރެޓަރީގެ މަސްއޫލިއްޔަތަކީ ޖަމްޢިއްޔާގެ ލިޔެކިޔުންތައް ބެލެހެއްޓުމުގައި އެހީތެރިވެދިނުމާއި ޖަމްޢިއްޔާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމެވެ.

11.7- އިންތިޒާމް ސެކެރެޓަރީ އިންތިޒާމް ސެކެރެޓަރީގެ މަސްއޫލިއްޔަތަކީ ޖަމްޢިއްޔާއިން ހިންގުމަށް ރާވާ ހުރިހާކަމެއް އިންތިޒާމް ކުރުމާއި ހިންގާ ޙަރަކާތްތައްބެލެހެއްޓުމެވެ.

11.8- ވިލަރަސްވެރިން ވިލަރަސްވެރީންނަކީ ޖަމްޢިއްޔާގެ ފަރާތުން ހިންގާ ތަފާތު ކަންކަމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެ އެކަންކުރިއަށް ދާގޮތާއި ބެހޭގޮތުން ޖަމްޢިއްޔާގެ ޗެއާރމަނަށް މައުލޫމާތުދެއްވާ ފަރާތްތަކެވެ.

11.9- 5 އެހީތެރިން 5 އެހީތެރިންގެ މަސްއޫލިއްޔަތަކީ ހިންގާކޮމެޓީގެ މަތީގައިވާ އެންމެހާ މަޤާމުތަކަށް އެހީތެރިކަމެއް ބޭނުނަވެއްޖެ ހިނދެއްގައި އެހީތެރިވެދިނުމެވެ.

12- ހިންގާކޮމެޓީއަށް މެމްބަރުން އިންތިޚާބުކުރެވޭގޮތާއި ވަކިކުރެވޭގޮތް.

12.1- މި ޖަމްޢިއްޔާގެ ހިންގާކޮމެޓީގެ މެމްބަރަކަށް ވެވޭނީ މި ޖަމްޢިއްޔާގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުންނަށެވެ.

12.2- ހިންގާކޮމެޓީއަށް މެމްބަރުން އިންތިޚާބުކުރެވޭނީ އަހަރުގެ އެންމެފަހު ޖަލްސާގައެވެ.

12.3- ޖަމްޢިއްޔާގެ ޢާއްމު މެމްބަރުންގެ އެންމެފަހު ޖަލްސާބޭއްވުމުގެ 15 ދުވަސްކުރިން ހިންގާކޮމެޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލައި އެމަޤާމުތައް އެނގޭނެހެން ޖަމްޢިއްޔާގެ ނޯޓިސްބޯޑުގައި އިޢްލާންކުރެވޭނެއެވެ.

12.4- މިގޮތަށް އިޢްލާންކުރުމުން ކުރިމަތިލުމަށް ބޭނުންވާ މަޤާމާއެކު ޖަމްޢިއްޔާގެ އިދާރާއަށް ހުށައަޅަންވާނެއެވެ.

12.5- ކޮންމެ މަޤާމަކަށްވެސް މެމްބަރުން އިންތިޚާބުކުރެވޭނީ ޢާއްމު މެމްބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.

12.6- މަޤާމަކަށް މެމްބަރުން ކުރިމަތިލައިފައި ނުވާނަމަ ޖަލްސާގެ ތެރެއިން އެމަޤާމަކަށް މެމްބަރުންގެ ތެރެއިން ނަމެއް ހުށައެޅި އެނަމަކަށް ތާޢީދު ލިބިއްޖެނަމަ އެ ފަރާތެއް އެމަޤާމު ޤަބޫލުކުރޭތޯ ބެލުމަށްފަހު ގިނަ ވޯޓުލިބޭ ފަރާތެއް އެމަޤާމަށް އިންތިޚާބު ކުރެވޭނެއެވެ.

12.7- މަޤުބޫލު ޢުޒުރެއްނެތި ހިންގާކޮމެޓީގެ 3 ޖަލްސާއަށް ހިންގާކޮމެޓީގެ މެމްބަރަކު ޙާޟިރުނުވެއްޖެނަމަ އެ މެމްބަރަކު އަދާކުރަމުންދިޔަ މަޤާމަކުން ވަކިކުރުމުގެ އިޚްތިޔާރު ހިންގާކޮމެޓީގެ މަޝްވަރާޔާއެކު އެވަގުތަކު ޖަމްޢިއްޔާ ހިންގުމާ ޙަވާލުވެހުރި އެންމެ އިސްފަރާތަކަށް ލިބިގެންވެއެވެ.

12.8- ހިންގާކޮމެޓީގެ މެމްބަރެއްގެ މައްޗަށް ރާއްޖޭގެ ޤާނޫނާއި ޚިލާފު ޢަމަލެއްކޮށްގެން އެކަމުގެ ކުށް ސާބިތުވެއްޖެނަމަ އެދުވަހަކުން ފެށިގެން އެ މެމްބަރަކު މެމްބަރުކަމުން ވަކިކުރެވޭނެއެވެ.

12.9- ހިންގާކޮމެޓީގެ މެމްބަރަކު މެމްބަރުކަމުން ވަކިވާން އެދިއްޖެނަމަ އެކަން ޖަމްޢިއްޔާގެ އިދާރާއަށް ހުށައެޅުމުން އެފަރާތަކާއި ހިންގާކޮމެޓީން ޖަމްޢިއްޔާގެ މުދަލެއް ނުވަތަ ފައިސާއެއް ޙަވާލުކޮށްފައިވާނަމަ އެތަކެތި ރައްދުކުރުމަށާއި އަދި ކުރަމުންއައި މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފްޞީލު ހިންގާކޮމެޓީއަށް ހުށައެޅުމުން ،މިކަންކަންހަމަޖެހެނަދެން މުއްދަތެއް ދިނުމަށްފަހު އެ މެމްބަރަކު ހިންގާކޮމެޓީގެ މެމަބަރުކަމުން ވަކިކުރިކަމުގެ ލިޔުން އެފަރާތަކާއި ޙަވާލުކުރެވޭނެއެވެ.

13- ހިންގާކޮމެޓީގެ ޖަލްސާ

މި ޖަމްޢިއްޔާގެ ހިންގާކޮމެޓީގެ ޖަލްސާއެއް ކޮންމެއަހަރަކު މަދުވެގެން 4 ފަހަރު ބޭއްވޭނެއެވެ. މިޖަލްސާތަކުގެ ޤާނޫނީ ޢަދަކީ ހިންގާކޮމެޓީގެ މެމްބަރުންގެ ތެރެއިން %51 އެވެ.މި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ޖަމްޢިއްޔާގެ ޗެއާރމަނެވެ. ޗެއާރމަން ނެތިއްޖެ ޙާލަތެއްގައި އެވަގުތަކު ޖަމްޢިއްޔާ ހިންގުމާއި ޙަވާލުވެހުރި މެމްބަރެކެވެ. މި ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެބަލަހައްޓާނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ޖަމްޢިއްޔާގެ ސެކެރެޓަރީއެވެ. ކޮންމެ ޖަލްސާއެއްގެ ޔައުމިއްޔާއެއްގައިވެސް އެ ޖަލްސާއެއްގެ ރިޔާސަތުބެލެހެއްޓެވި ވެރިޔަކުސޮއިކޮށް ޔައުމިއްޔާތައް ފައިލުކޮށް ބެލެހެއްޓޭނެއެވެ.

14- ޢާއްމު ޖަލްސާ

މި ޖަމްޢިއްޔާގެ ޢާއްމުމެމްބަރުންގެ ޖަލްސާއެއް ކޮންމެއަހަރަކު މަދުވެގެން 3 ފަހަރު ބޭއްވޭނެއެވެ. މިޖަލްސާތަކުގެ ޤާނޫނީ ޢަދަކީ ޢާއްމުމެމްބަރުންގެ ތިންބައިކުޅަ ދެބަޔެވެ. މި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާނީ ޖަމްޢިއްޔާގެ ޗެއާރމަނެވެ. ޗެއާރމަން ނެތިއްޖެ ޙާލަތެއްގައި އެވަގުތަކު ޖަމްޢިއްޔާ ހިންގުމާއި ޙަވާލުވެހުރި މެމްބަރެކެވެ. މި ޖަލްސާތަކުގެ ޔައުމިއްޔާ ލިޔެބަލަހައްޓާނީ އެކަމަށްޓަކައި ކަނޑައެޅިފައިވާ ޖަމްޢިއްޔާގެ ސެކެރެޓަރީއެވެ. ކޮންމެ ޖަލްސާއެއްގެ ޔައުމިއްޔާއެއްގައިވެސް އެ ޖަލްސާއެއްގެ ރިޔާސަތުބެލެހެއްޓެވި ވެރިޔަކުސޮއިކޮށް ޔައުމިއްޔާތައް ފައިލުކޮށް ބެލެހެއްޓޭނެއެވެ.

15- ޢާއްމު ޖަލްސާތަކާއި ހިންގާކޮމެޓީގެ ޖަލްސާތަކުގައި ކަންކަން ފާސްކުރެވޭގޮތާއި ވޯޓްދޭގޮތް.

މިޖަމްޢިއްޔާގެ ޢާއްމުޖަލްސާތަކާއި ހިންގާކޮމެޓީގެ ޖަލްސާތަކުގައިވެސް ވޯޓްދެވޭނީ ސިއްރުންނެވެ. ނެގޭނީ ސިއްރު ވޯޓެކެވެ. އަދި ކަންކަންފާސްކުރާނީ ޤާނޫނާއި ޤަވާޢިދު ނުބުނާހާހިނދަކު އަޣްލަބިއްޔަތުންނެވެ.

16- ޖަމްޢިއްޔާ އުވާލެވެގޮތް.

16.1- ޖަމްޢިއްޔާ އުވާލެވޭނީ ހިންގާކޮމެޓީގެ މެމްބަރުންގެ ތެރެއިން 3 ބައި ކުޅަ ދެބައި މެމްބަރުން އެކަމަށް އެދި ލިޔުމެއް ޖަމްޢިއްޔާގެ މުއައްސިސުންނަށް ހުށައެޅުމުން އެކަން މިނިސްޓްރީ އޮފް ހޯމްއެފެއާރޒަށް ލިޔެ އެމިނިސްޓްރީއިން އެކަން ޤަބޫލުކުރުމުންނެވެ. ނުވަތަ ސަރުކާރުން މި ޖަމްޢިއްޔާ އުވާލުމަށް އެންގުމުންނެވެ. ޖަމްޢިއްޔާ އުވާލުމަށް ކަނޑައެޅުމުން ޢަމަލުކުރާނީ ޖަމިއްޔާތަކާބެހޭ ޤާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ.

16.2- ޖަމްޢިއްޔާ އުވާލަން ނިންމައިފިނަމަ ، ޖަމްޢިއްޔާގެ އެންމެހާއި މުދަލާއި ސާބިތުމުދާ ދެވޭނީ ޖަމްޢިއްޔާ އުވާލާއިރު އޮތް ހިންގާކޮމެޓީން ކަނޑަައަޅާ ޚައިރާތުގެ ފަންޑަކަށެވެ. އަދި ޖަމްޢިއްޔާގެ އެއްވެސް މެމްބަރަކަށް މި ފަދައިން ބަހާ މުދަލުން ނާޖާއިޒް ފައިދާ ނެގިގެންނުވާނެއެވެ.

16.3- ޖަމްޢިއްޔާ އުވާލެވޭއިރު ޖަމްޢިއްޔާގެ ދަރަނިތައް އަދާކުރެވޭވަރަށް ޖަމްޢިއްޔާގައި ފައިސާނެތްނަމަ އެދަރަނިތައް އަދާކުރާނީ ހިންގާކޮމެޓީގެ މެމްބަރުންނަށް ހަމަހަމަވާ ގޮތުގެ މަތީންނެވެ.

17- ޖަމްޢިއްޔާގެ ހިންގާ ޤަވާޢިދަށް ބަދަލުގެނެވެގޮތް

މި ޤަވާޢިދަށް ބަދަލު ގެނެވޭނީ ޖަމްޢިއްޔާގެ ޢާއްމު ޖަލްސާއެއް ބާއްވާ،ބައްދަލުވުމަށް ޙާޒިރުވެތިބި މެމްބަރުންގެ ތެރެއިން 3 ބައިކުޅަ 2 ބައި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. މިޤަވާޢިދަށް ބަދަލު ގެނެވޭނީ ޖަމްޢިއްޔާގެ ރަޖިސްޓްރާގެ ހުއްދަ ލިބިގެންނެވެ.

18- ނިޝާން، ދިދަ ، ކުލަ މޮޓޯ ބަދަލުކުރުން

މި ޖަމްޢިއްޔާގެ ނިޝާން، ދިދަ ، ކުލަ މޮޓޯ ބަދަލުކުރެވޭނީ ޢާއްމު ޖަލްސާއަކުން ފާސްކުރުމަށްފަހު ރަޖިސްޓްރާގެ ހުއްދަލިބިގެންނެވެ.

19- އަހަރީ ޖަލްސާ

މި ޖަމްޢިއްޔާގެ އަހަރީ ޖަލްސާ ކޮންމެ އަހަރެއްގެ ފެބުރުއަރީމަހުގެ ތެރޭގައި ބޭއްވޭނެއެވެ. މިޖަލްސާގައި ކުރިއަށްއޮތް އަހަރު ކުރާނެ ކަންތައްތައް ކަނޑައަޅުމާއި ، ޖަމްޢިއްޔާގެ އަހަރީ ރިޕޯރޓާއި އަހަރީ ހިސާބުފާސް ކުރުން އޮންނާނެއެވެ. މިޖަލްސާ ބޭއްވުމުގެ 10 ދުވަސްކުރިން ހުރިހާ މެމްބަރުންނަށް އެކަންއެނގޭނެއެވެ.

20- އަހަރީ ރިޕޯރޓާއި އަހަރީ ހިސާބު

ޖަމްޢިއްޔާއަށް ލިބުނު އާމްދަނީއާއި އަހަރީ ހިސާބާއި ޖަމްޢިއްޔާ ހިނގިގޮތުގެ ރިޕޯރޓު ހިންގާކޮމެޓީން ފާސްކުރުމަށްފަހު އެހިސާބުތަކާއި ރިޕޯރޓުތަކުގައި ހިންގާކޮމެޓީގެ މެމްބަރުން ސޮއިކޮށް ޖަމްޢިއްޔާގެ ޢާއްމުޖަލްސާއަކަށް ހުށައަޅާ ފާސްކުރުމަށްފަހު މިތަކެތި ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި ޖަމްޢިއްޔާގެ ރަޖިސްޓްރާއަށް ހުށައަޅަންވާނެއެވެ.

21- ޖަމްޢިއްޔާގެ ދަރަނި

ހ- މި ޖަމްޢިއްޔާއަށް އެއްވެސް ދަރަންޏެއް ނުވަތަ އެފަދަ ޒިންމާއެއްވެސް ނެގޭނީ ، ޖަމްޢިއްޔާގެ ހިންގާ ކޮމެޓީން ފާސްކޮށް އެދަރަންޏެއް އަދާކުރާނެގޮތް ކަނޑައަޅާ ހަމަޖެއްސުމަށްފަހު ޖަމްޢިއްޔާގެ ހިންގާ ޤަވާޢިދުގައިވާ ގޮތުގެ މަތީންނެވެ.އަދި ޖަމްޢިއްޔާގެ މިލްކުގައިވާ ފައިސާއާއި މުދަލުގެ ޖުމްލަ އަގަށްވުރެ ބޮޑުދަރަންޏެއް ނުވަތަ މާލީ ޒިންމާއެއް ނެގޭނީ ، ޖަމްޢިއްޔާގެ ހިންގާ ކޮމެޓީން ފާސްކުރުމަށްފަހު ޖަމްޢިއްޔާގެ ޢާއްމު ޖަލްސާއެއް ބާއްވާ ޚާއްޞަ ޤަރާރަކުން އެ ފާސް ކުރުމަށް ތާޢީދު ލިބިގެންނެވެ.

ށ- ޖަމްޢިއްޔާ އުވާލެވޭއިރު ޖަމްޢިއްޔާގެ ދަރަނިތައް އަދާކުރެވޭވަރަށް ޖަމްޢިއްޔާގައި ފައިސާނެތްނަމަ އެދަރަނިތައް އަދާކުރާނީ ހިންގާކޮމެޓީގެ މެމްބަރުން ހަމަހަމަވާގޮތަށް ބަހާލައިގެންނެވެ.

މޮޓޯ: ބަދަހިވުމަކީ ކާމިޔާބުގެ ނާރެސް

މާނަ: ކާމިޔާބުކަމާއެކު ޖަމްޢިއްޔާއިން ކުރަން ގަސްތުކުރާ އަދި ދާންބޭނުންވާ މަންޒިލް މަޤްޞޫދުތަކަށް ވާޞިލްވުމަށްޓަކައި މި ޖަމްޢިއްޔާގެ ފަރާތުން ބޭނުންކުރާނެ ހަތިޔާރަކީ ޖަމްޢިއްޔާގެ މެމްބަރުންނާއި ޖަމްޢިއްޔާގެ މިތުރުންގެ އެއްބައިވަންތަކާއި އެއްބައެއްވަންތަކަމެވެ.

ޖަމްޢިއްޔާގެ ކުލަ: އޮރެންޖު

ޖަމްޢިއްޔާގެ މަސްއޫލުވެރިން:

ޔާސިރު އަޙްމަދު އަޙްމަދު މުޙައްމަދު މަނިކު

ފިނިވާގެ ޝޭޑީގްރޯވ

ވ.ރަކީދޫ ކ.މާފުށި

ސޮއި ސޮއި

އައިޑީ ނަންބަރ 067882A އައިޑީ އައިޑީނަންބަރ 048985A

No comments:

Post a Comment